top of page
CRA Cover.png

2020 މޯލްޑިވްސް ކޮރަލް ރީފް އެސެސްމަންޓް

މޯލްޑިވްސް ކޮރަލް
ރީފް އެސެސްމަންޓް

މޯލްޑިވްސް ކޮރަލް ރީފް އެސެސްމަންޓް 2020 ރިޕޯޓުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ މުރަކަ ފަރުތަކާއި މަހުގެ އާބާދީތައް ދިރާސާކުރުމަށް ނޫ ރާއްޖެއިން 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެކްސްޕެޑިޝަންގެ ނަތީޖާ ހިމަނާފައިވާނެއެވެ.

  • މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި ޖުމުލަގޮތެއްގައި ރާއްޖޭގެ ފަރުތަކަށްލިބޭ ގެއްލުންތަކުން ވިލުމުގެ ޤާބިލުކަން މި ފަރުތަކުގައި ހުރި ނަމަވެސް، ވަކިވަކި ފަރަށް ސީދާ ގޮތެއްގައި ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ފަރެއްގެ ހާލަތު އިޔާދަވުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

  • މި އެސެސްމަންޓަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދެވުނު ދެ އެކްސްޕެޑިޝަންގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެސެސްމަންޓެކެވެ.

ފުލް ރިޕޯޓު ޑައުންލޯޑު ކުރެއްވުމަށް.

Cover image.png

ނޫސް
ބަޔާން

ނޫ ރާއްޖެއިން 2020 ވަނަ އަހަރުގެ މޯލްޑިވްސް ކޮރަލް ރީފް އެސެސްމަންޓް ރިޕޯޓް ނެރެފި: 
ހޯދުންތަކުގެ ތެރޭގައި މުރަކައިގެ އާބާދީތައް އާލާވަމުންއައި ނަމަވެސް މުރަކަފަރުތަކަށް އަދިވެސް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން ފާހަގަކޮއްފައިވެއެވެ.

ނޮވެމްބަރު 2021، މާލެ'، ދިވެހި ރާއްޖެ - އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ގާތްގަނޑަކަށް ހުރިހާ ރަށްތަކެއްގެ މުރަކަފަރުތަކާއި މަހުގެ އާބާދީތައް ދިރާސާކުރި 2020 ވަނަ އަހަރުގެ އެކްސްޕެޑިޝަންގެ އެސެސްމަންޓް ރިޕޯޓް ނޫ ރާއްޖެ ޕްރޮގްރާމުން މިއަދު އާންމުކޮށްފި އެވެ. އެންމެ ހާއްސަގޮތެއްގައި ހޯދުންތަކުން ދައްކާ ގޮތުގައި ހޫނު މޫސުމުގައި ކަނޑުގެ ފިނިހޫނުމިން މައްޗައްގޮސް ދިގުދެމިގެން ދިއުމުގެ ސަބަބުން 2016 ވަނަ އަހަރު ކުރިމަތިވި ގާހުދުވުމުގެ ހާދިސާއަށް ފަހު މުރަކަ ފަރުތަކުގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮއްފައިވެއެވެ.

ނޫރާއްޖޭގެ ސައިންސްވެރިން ފާހަގަ ކޮއްފައިވާ ގޮތުގައި ފަރުގައި ދިރޭ މުރަކައިގެ މިންވަރު ރަނގަޅުވާ ކަމަށް ފެންނަ ސަބަބަކީ ސާރވޭ ކުރެވުނު ބައެއް ސަރަހައްދުތަކުން ފާހަގަކުރެވުނު ޅަ މުރަކައިގެ މިންވަރު މަތިވުން (އެވްރެޖްކޮށް އަކަ މީޓަރަކަށް 14 އަށް ވުރެ ގިނަ އާ މުރަކަ ނުވަތަ 'ރިކްރޫޓް') ކަމަށް ލަފާކޮއްފައިވެއެވެ. އަދި މީގެ ސަބަބެއްކަމަށް ލަފާކޮށްފައިވަނީ ފަރުމަތީގައި ހުއި އަދި ފެހި ކައިއުޅޭ ބާވަތުގެ މަސްމަހާމެހީގެ ސަބަބުން ފަރުގައި ޖަހާ ފެހީގެ މިންވަރު ދައްކޮއްހިފެހެއްޓުންކަމަށެވެ.

މި އެސެސްމަންޓަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެއިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ، ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިންނާއި ސްމޯލް އައިލެންޑް ރިސާޗް ގްރޫޕްގެ ބައިވެރިން ކުރިއަށް ގެންދިޔަ ދެ އެކްސްޕެޑިޝަނެއްގެ މައްޗަށް ބިނާކޮށް ހެދިފައިވާ އެސެސްމަންޓެކެވެ. މި ދިރާސާ މަސައްކަތަށް އިތުރަށް އެހީތެރިވެދީފައިވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އޯޝޭނޯ އަޒޫލް ފައުންޑޭޝަން، އައިޔޫސީއެން މޯލްޑިވްސް، މޯލްޑިވްސް ކޯރަލް އިންސްޓިޓިއުޓް، ސެންޓަރ ޑި ރެޗެރޗްސް އިންސުލޭއަރސް އެޓް އޮބްޒަރވޭޓޯއަރ ޑިލް އެންވަޔަރަންމަންޓް، ވަވާއު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެސޯސިއޭޝަން، ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސަންޓާ ބާބާރާ، ނެކްޓަން، އަދި ޔުނިވާސިޓީ އޮފް ހަވާއީ އެވެ. މި ސައިންސްވެރިން ވަނީ 15 އަތޮޅެއްގެ ފަރުގެ 127 ސައިޓެއް ސާރވޭ ކޮއްފައެވެ.

ދިރާސާކުރެވުނު ސަރަހައްދުތައް ގިންތިކޮށްފައިވަނީ އެސަރަހައްދަކާއި އެންމެ ކައިރީގައިވާ ރަށް ބޭނުންކުރާގޮތުގެ މައްޗައް ބިނާކޮށެވެ. އެގޮތުން ސައިޓްތައް ބަހާލެވުނު ގިންތިތަކަކީ މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި ފަޅުރައްރަށެވެ. އަދި ފަރާއި އެތަނުގައިވާ ދިރުންތަކުގެ ހާލަތު ދެނެގަތުމަށްޓަކައި އެއްކުރެވުނު މައުލޫމާތުތަކަކީ؛

  • މަސްމަހާއިމެހީގެ އާބާދީ އާއި ސިންދަފާތު (ޑައިވަރސިޓީ) އަދި ފަރުގެ ނިސްބަތުން އުޅޭ ދިރުންތަކުގެ މިންވަރު (ބައޯމާސް)

  • ފަރު މަތީގައި ނުވަތަ ފަރުގެ ބިންގަނޑުގައިއުޅޭ ދިރުންތަކުގެ ބާވަތްތައް (ބެންތިކް އިންހެބިޓެޑް ކޮމްޕޮޒިޝަން)،

  • ޅަމުރަކައިގެ މިންވަރާއި ސިންދަފާތު،

  • ފަރުގެ ރުގޯސިޓީ ނުވަތަ އެކި ބާވަތްތަކުގެ މުރަކައިގެ ސަބަބުން ފަރުގައި އުފެދިފައިވާ ރާޅުކަމާއި،

  • ފަރުގައި ހިމެނޭ މައިކަށިނެތް ދިރުންތަކުގެ (މެކްރޯ އިންވާރޓެބްރޭޓް) އާބާދީގެ މިންވަރާއި ސިންދަފާތު،

  • އަދި ފެނުގެ ކޮލިޓީ އެވެ.

 

މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި ޖުމުލަގޮތެއްގައި ރާއްޖޭގެ ފަރުތަކަށްލިބޭ ގެއްލުންތަކުން ވިލުމުގެ ޤާބިލުކަން މި ފަރުތަކުގައި ހުރި ނަމަވެސ،ް ވަކިވަކި ފަރަށް ސީދާ ގޮތެއްގައި ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ފަރެއްގެ ހާލަތު އިއާދަވުމަށް އަސަރުކުރުމަކީ އެކަށީގެން ވާކަމެކެވެ.


މި ދިރާސާގެ ނަތީޖާއަކީ އުއްމީދީ ނަތީޖާއެއް ނަމަވެސް، ސައިންސްވެރިން ފާހަގަކުރާ ގޮތުގައި 2016 ވަނަ އަހަރު ގާހުދުވުމުގެ ކުރިން ރާއްޖޭގެ ފަރުތަކުގައި މުރަކައިގެ އިންސައްތަ ހުރީ ގާތްގަނޑަކަށް %40 އެވެ. އަދި މި ނަތީޖާއިން ދޭހަކޮއްދެނީ ރާއްޖޭގެ ފަރުތަކުގައި 2016 ގެ ކުރިން މުރަކައިގެ އިންސައްތަހުރި މިންވަރަށް އިޔާދަވުމަށް ދިގުމުއްދަތެއް ނަގާނެކަމެވެ.

މަސްމަހާއި މެހީގެ ސާރވޭގެ ތަފާސްހިސާބު ދައްކާގޮތުން ސާރވޭކުރެވުނު ފަރުތަކުގައ،ި ކާނާގެ ގޮތުގައި އޮއިވަރާއިއެކު ދަތުރުކުރާ ކުދި ސޫފި ކައި އުޅޭބާވަތުގެ މަހުގެ (ޕްލޭންކްޓިވޯރ) ޑެންސިޓީ މަތިވެފައ،ި ހުއި ނުވަތަ ފެހިކައިއުޅޭ ބާވަތުގެ މަހުގެ (ހާރބިވޯރ) ޑެންސިޓީ ހުރީ މެދު މިންވަރަކަށެވެ. އަދި މިޔަރާއި، އެހެނިހެން މަސްމަހާމެހި ޝިކާރަކޮށްގެން ކައި އުޅޭ ބާވަތްތަކުގެ (އޭޕެކްސް ޕްރިޑޭޓަރ) ދިރުންތަކުގެ ޑެންސިޓީ ދަށް ކަމަށް ފާހަގަކުރެވުނެވެ. މިޔަރާއި މަޑި ފަދަ ބޮޑެތި ޓޮޕް ޕްރިޑޭޓަރ އަކީ ފަރުގެ ހާލަތު ވަރަށް ރަނގަޅުކަން އަންގައިދޭ ނިޝާނެއްގެ އިތުރުން ފަތުރުވެރިކަމުގެ ތެރެއިން މުޖުތަމައުތަކަށް ފާގަތިކަން ގެނެސްދޭނެ ދިރުންތަކެކެވެ.

މި އެސެސްމަންޓްގެ ރިޕޯޓު އެއްކޮއް ކިއުއްވުމަށް ކްލިކް ކޮއްލައްވާ.

މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ފަރުތަކުގެ ހާލަތު ހިމެނޭ ފުރަތަމަ އާކިޕެލަގޯ ވައިޑް އެސެސްމަންޓް ހެދުމަށްޓަކައި 2021 ވަނަ އަހަރުގެ މާޗް މަހު ނޫ ރާއްޖޭ ޕްރޮގްރާމްގެ ދަށުން އިތުރު އެކްސްޕެޑިޝަންއެއް ކުރިއަށްގެންގޮސް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ސާރވޭތައް މިހާރުވަނީ ނިންމާލާފައެވެ. އެ އެކްސްޕެޑިޝަންގެ ނަތީޖާ ހިމަނައިގެން ވަކި ރިޕޯޓެއް އެކުލަވާލައި ޝާއިއު ކުރެވިގެންދާނެއެވެ.


ނޫ ރާއްޖެ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހިމެނޭގޮތަށް ދިވެހި ސަރުކާރުން އިސްނަގައިގެން ހިންގާ ޕްރޮގްރާމެކެވެ. އޭގެއިތުރުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓުއަރިޒަމް،   އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، އަދި އެހެނިހެން އިދާރާތަކާއި ޖަމިއްޔާތަކުން ބައިވެރިވެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ފަރާތުން ބައިނަލްއަގުވާމީ އެހީތެރިކަން ލިބޭ އިރު، އޭގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓިން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، ޔޫ.ސީ ސެންޓާ ބާބަރާގެ އެންވަޔަރަމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫ.ސީ.އެލް.އޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.

www.nooraajje.org އިން އިތުރު މައުލޫމާތު ހޯއްދަވައި، ޕްރޮގްރާމްގެ ފޭސްބުކް، އިންސްޓަގްރާމް، އަދި ޓްވިޓަރ އިން ފޮލޯ ކޮށްލައްވާށެވެ.

bottom of page